ޚަބަރު

އުފާ ގެ ވާހަކަތައް އެމްޑީއެންއިން ދޮގުކޮށްފި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

މާތް ވެގެންވާ އިސްލާމްދީނަށާއި ރަސޫލާ (ޞޢޥ) އަށް ފުރައްސާރަކޮށް ލާދީނީ ރިޕޯޓެއް ނެރުނު މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) އިން އަދިވެސް އިސްލާމްދީނަށާއި ނަބިއްޔާ (ޞޢޥ) އަށް ފުރައްސާރަ ކުރުމަށް މީހުން ލައްވާ މަސައްކަތް ކުރާ ކަމަށް ބުނެ އިސްލާމްދީން ގަބޫލު ނުކުރާ ކަމަށް އިއުލާން ކޮށްފައިވާ ކަމަށް އުފާ ފަހުމީ ދެއްކި ވާހަކަތައް އެމްޑީއެން އިން ދޮގުކޮށްފިއެވެ.

Ads by MWSC

މިކަމާ ގުޅިގެން އެމްޑީއެން އިން ބުނީ އިސްލާމް ދީނާ ގުޅިގެން ކުރި ތުހުމަތުތަކަކީ އެއްވެސް ވަރަކަށް ތެދެއް ނޫން ކަމަށެވެ.

“އަޅުގަނޑުމެންނަކީ ސިޔާސީ ގޮތުން އެއްވެސް ފަރާތަކަށް ބުރަ ނުވާ. އެއްވެސް ފަޅިއެއް ނުނަގާ، މާލީ މަންފާއަކާ ނުލައި މަސައްކަތް ކުރާ ޖަމިއްޔާއެއް. އަޅުގަނޑުމެންގެ ބޭނުން ވަނީ ރާއްޖޭގެ މުޖުތަމުގައި ތިބި ނިކަމެތި މީހުންނަށް އެހީވުން،" ތުހުމަތުތައް ދޮގުކޮށް އެމްޑީއެން އިން މިއަދު ބުނެފައިވެއެވެ.

ރާއްޖޭގައި ދީނީ މިނިވަންކަން ދިނުމަށް ގޮވާލާ އުފާ ބުނި ގޮތުގައި އެމްޑީއެން އިން ބޭނުން ވަނީ އިސްލާމްދީނަށާއި ރަސޫލާ (ޞޢޥ) އަށް "ޖޯކު ޖަހާފަ" ވީޑިއޯ ހަދައިދޭށެވެ. އަދި އެފަދައިން ކަންތައް ނުކުރާ މީހުންގެ މައްސަލަ އެމީހުން ފުލުހަށް ހުށަހަޅާ ކަމަށް ވެސް އުފާ ނެރުނު ވީޑިއޯގައި ބުނެފައިވެއެވެ.

"ޝަހިންދާ އެއް ނޫން އެމްޑީއެން ގެ ބޮޑު މީހަކީ. އެތަނުގެ އެންމެ އިސްމީހަކީ އަންނި (ކުރީގެ ރައީސް މުޙައްމަދު ނަޝީދު) އާއި ޕޮލިސް ކޮމިޝަނަރ މުޙައްމަދު ހަމީދާއި އެމީހުން ގެންގުޅޭ ބައެއް މީހުން" ރައީސް ނަޝީދާއި ސީޕީ ހަމީދަށް ތުހުމަތު ކުރަމުން އުފާ ބުނެފައި ވެއެވެ.

މީގެ އިތުރުން އުފާ ބުނެފައި ވަނީ އޮކްޓޯބަރ މަހު ފުލުހުން އުފާގެ ގެއަށްވަދެ ފޯނާއި ލެޕޮޓޮޕް ގެންދިއުމުން އޭނާ ތައިލެންޑަށް ގެންގޮސްދިނީ ވެސް އެމްޑީއެން އިން ކަމަށެވެ. އޭނާ ބުނި ގޮތުގައި ތައިލެންޑަށް ގެންގޮސް އެގައުމުގައި ހުންނަ އެމްޑީއެންގެ އޮފީހެއްގައި އޭނާ ބެހެއްޓިއެވެ. އެތަނުގައި ލިޔެކިޔުންތައް ބަލާ މީހުން ތިބޭ ކަމަށް އޭނާ ބުނެފައި ވެއެވެ.

އުފާ ބުނީ އިސްލާމްދީނާ ޚިލާފު އެތައް އެއްޗެއް އެމްޑީއެންގައި ހުންނަ ކަމަށާއި ނަމަވެސް އެމީހުންގެ އަތުން އޭގެ އެއްވެސް ލިޔެކިޔުމެއް އުފާ އަތުނުލާ ކަމަށެވެ.

މިވާހަކަތައް އާންމުކުރި ސަބަބެއް އުފާ ހާމަ ކޮށްފައެއް ނުވެއެވެ. އޮކްޓޯބަރ މަހު ސީރިއަސް ތުހުމަތުތަކެއްކޮށް އުފާ ފުލުހަށް ހާޒިރު ކުރި ނަމަވެސް އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރެއް ނެރެފައި ނުވާތީ، އޭނާ ވަނީ ރާއްޖެ ދޫކޮށް ގޮސްފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އަދިވެސް އޭނާ ހުރީ ރާއްޖެއަކު ނޫނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!